ޑީ.އާރު.ޕީއާއި މެދު ސުވާލެއް އެބައޮތްތޯ !

ޑީ.އާރް.ޕީ އަކީ ކޮބާ؟

*ޑީ.އާރް.ޕީއަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލާ ގުޅިގެން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި މަޞްލަޙަތު ހިފަހައްޓައި، ދިވެހި ދައުލަތުގެ އަސާސް ކަމުގައިވާ އިސްލާމް ދީން ރައްކާތެރިކޮށް، ޙިމާޔަތް ކުރުމަށްޓަކައި އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ.

ޑީ.އާރް.ޕީގެ މައިގަނޑު މަޤްޞަދު ތަކަކީ ކޮބާ؟
* ދިވެހިރާއްޖޭގައި އިސްލާމް ދީނާއި ދިވެހިވަންތަކަމުގެ ވަޙްދަތު ވަރުގަދަކޮށް ދަމަހައްޓައި، ޤައުމުގައި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުން.
* ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ތަޢުލީމާއި، ވަޒީފާއާއި، ދުޅަހެޔޮ ޞިއްޙަތާއި، ހިޔާވަހިކަމާއި އަސާސީ އެންމެހާ ބޭނުންތައް އެންމެނަށް ހާޞިލު ކޮށްދިނުމަށް މަސައްކަތް ކުރުން.
* ހުރިހާ ދިވެހިންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް ސިޔާސީ މައިދާނުގައި ދެވޭ ސަމާލުކަމާއި، ބުރަދަނާއި އަހައްމިއްޔަތު އިތުރުކުރުން.

މި ޕާޓީގެ އިސް ފަރާތަކީ ކޮބާ؟
* މިޕާޓީގެ އިސް މަޤާމެއްގައި ހުންނަ ކޮންމެ މީހަކީ ޕާޓީގެ މެންބަރުން އިންތިޚާބު ކޮށްފައިވާ މީހަކަށް ވާނެއެވެ.
* މިވަގުތު ޕާޓީގެ ޒަޢީމް ކަމުގައި ހުންނެވީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.
ޒަޢީމުގެ މަގާމަށް މީހަކު އިސްކުރެވެނީ ޤައުމީ ޖަލްސާއަކުންނެވެ.

މިވަގުތު މި ޕާޓީގެ މެމްބަރުން ކަމުގައި ތިބީ ކޮންބައެއް؟
* މާލެ އާއި އަތޮޅުތަކުގެ ވަރަށް ގިނަ ޢަދަދެއްގެ ޢާންމު ފަރުދުން.
* ވޭތުވެދިޔަ ތާނގައި ދިވެހިރާއްޖެ އެކިއެކި ރޮނގު ރޮނގުން ހޯދާފައިވާ އިޤްތިޞާދީ، ތަޢުލީމީ، ޞިއްޙީ ކުރިއެރުންތައް ޚާޞިލް ކުރުމުގައި ހިއްޞާވާ ގިނަ ފަރާތްތައް.
* ރާއްޖެ ދެކެމުން މިދާ ޤާނޫނީ، ޝަރުޢީ އަދި ހިންގުމުގެ އިޞްލާޙުތައް ފަރުމާކުރުމުގައި އިސްކޮށްތިބި ފަރާތްތައް.
* ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަޣްލަބިއްޔަތު.

މި ޕާޓީއަށް ވަނުމުން ލިބޭ ފައިދާއަކީ ކޮބާ؟
* ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބުން.
* ސިޔާސަތު ކަނޑައެޅުމުގަޔާއި، ހިންގުމުގަޔާއި، ހިނގާ ނުހިނގާގޮތް ބެލުމުގައި މެންބަރުންގެ ދާއިމީ ދައުރެއް ލިބިގެންދިއުން.

މިވަގުތު ހައްލުނުކުރެވި ހުރި މައްސަލަތަކެއް މި ޕާޓީ މެދުވެރިވެގެން ހައްލުކުރެވޭނެތަ؟ މި ޕާޓީގެ ސަބަބުން ޢާންމު ރައްޔިތުންނަށްވާނީ ކޮން ފައިދާތަކެއް؟
* ރާއްޖެއަށް މިވަގުތު އިޙްސާސް ކުރަން ޖެހިފައިވާ އިޖްތިމާޢީ ، ގިނަމައްސަލަ ތަކަކީ ރާއްޖޭގެ ތަރައްޤީ އާއި އެއްމިންވަރެއްގައި އިންސާނީ ތަރައްޤީގެ ވަޞީލަތްފުރިހަމަވެފައި ނުވުމުން ނިކުމެފައިވާ މައްސަލަތަކެވެ. އައު ސިޔާސީ ނިޒާމުގެ ދަށުން މިގޮންޖެހުން ތަކާއި ކުރިމަތިލުމުގެ މަގު ފަހިވާނެ.
* ކަންކަން ކުރާނީ ހަމައެކަނި ސަރުކާރުގެ މުސާރަވެރިންނޫން ކަމަށްވާތީ ހިންގުމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބޭނެ.
* މެންބަރުންގެ ކިބައިން އެކި ދާއިރާގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ތަފާތު ޚިޔާލު ޙިއްޞާކުރެވި، ގިނަބައެއްގެ މެދުގައި މަޝްވަރާ ކުރުމުން، ދިރިއުޅުމުގެ ޢާންމު މައްސަލަތައް (މަސްތުވާތަކެތި، ގޯތިގެދޮރުގެ މައްސަލަ، ފެން އަދި ކަރަންޓުގެ އަގު، ވަޒީފާއާއި އާމްދަނީގެ ދަތިތައް) ހައްލުކުރުމުގައި ކުރިލިބޭނެ.

ޑީ.އާރް.ޕީ ހިންގުމުގެ އޮނިގަނޑަކީ ކޮބާ؟
* ޑީ.އާރް.ޕީއަކީ މިވަގުތު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ޕާޓީގެ ދާޚިލީ ހިންގުމުގައި މުޅިންވެސް ގެންގުޅޭނީ ދީމުޤްރާތީ އުޞޫލުތައް ކަމުގައި ބުނެފައިވާ ހަމައެކަނި ޕާޓީއެވެ.
* ޤައުމީބައްދަލުވުމުގައި ހުށަހެޅިފައިވާ އޮނިގަނޑު.
* ހުރިހާ މަގާމުތަކެއްވެސް ފުރޭނީ އިންތިޚާބުންނެވެ.
* މި އޮނިގަނޑަށް އުނިއިތުރުގެނެސް، ރަސްމީ ސިފަ ލިބޭނީ ޕާޓީގެ ޢާންމު މެންބަރުންގެ ޖަލްސާއެއްގައި މިކަމަށް ވޯޓުލައި ފާސްވުމުންނެވެ.

ޑީ.އާރް.ޕީ ގައި ބައިވެރިވާނީ ކިހިނެއް؟
* ޕާޓީގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ޕާޓީ އަށް ހުށަހެޅުމުން 10 ދަވަހުގެ ތެރޭގައި ޕާޓީގެ ރަޖިސްޓްރާ މެމްބަރޝިޕް ޤަބޫލް ކޮށް އެކަން އެފަރާތަކަށް އަންގަވާނެއެވެ.
* ޕާޓީގެ މެންބަރަކަށް ވުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ބޭނުންވާނެއެވެ.

ފޯމު ލިބޭނީ ކޮންތާކުން؟
* ޕާޓީގެ މައިއޮފީހުން އަދި އަތޮޅު ތަކުގައި ހުންނަ މިޕާޓީގެ ގޮފިތަކުންލިބިވަޑައި ގަންނަވާނެއެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކޮންފަރާތަކަށް ؟
މާލޭގައިނަމަ ދިވެހިރައްޔިތުންގެ ޕާޓީގެ މައި އޮފީސް އަދި އަތޮޅު ތަކުގައި ހުންނަ މިޕާޓީގެ ގޮފިތަކާއި ގުޅުއްވުމުން މަޢުލޫމާތު ސާފުވެވަޑައިގަންނަވާނެއެވެ. ޕާޓީގެ މައިއޮފީހުގެ ހޮޓް ލައިން ނަންބަރަކީ : 3320456 އެވެ.
* "ޑީ.އާރް.ޕީގެ އުސޫލްތަކާއި މަޤުޞަދުތަކާއި އޮނިގަނޑުގެ ދެލިކޮޕީ" ވެސް ޕާޓީގެ މައި އޮފީހާއި އަދި ގޮފި ތަކުން ލިބެން ހުންނާނެއެވެ.
ޕާޓީއާއި ގުޅި، މިކަމުގައި ހަރަކާތްތެރިވާން ބޭނުންފުޅު ފަރާތްތައް މިއިން އޮފީހަކަށް ވަޑައިގެން ދެއްވުން އެދެމެވެ. ޕާޓީގެ ރަސްމީ ވެބްސައިޓުންވެސް ޕާޓީއާއި ބެހޭ މުހިންމު ހުރިހާމަޢުލޫމާތެއް ޑައުން ލޯޑްކުރެއްވޭނެއެވެ.


www.drp.org.mv
^Top